Madulu Blog

Madulu Blog header image 2

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމާބެހޭ ނޫސް ބަޔާން

July 17th, 2010 · No Comments · Democracy

މި ނޫސްބަޔާން ނެރެފައިވަނީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ހަތް ޖަމްޢިއްޔާއަކުންނެވެ. އެއީ މަޑުލު، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް، ހުވަދޫ އެއިޑް، ޓްރާންސްޕޭރެންސީ މޯލްޑިވްސް، މޯލްޑިވްސް ޔޫތު އެކްޝަން ނެޓްވާރކް، ހޭންޑް އަދި ޑިމޮކްރެސީ ހައުސް އެވެ.

މާލެ، 17 ޖުލައި 2010 – ދީމުޤްރާޠީ ޙަޔާތުގެ ޅަފަތުގެ ދުވަސްވަރު، ދިވެހިރާއްޖެއިން ކަނޑައްތުކުރަމުން ދަނިކޮށް، އެފަދަ ނިޒާމެއްގައި އެއްގޮތަކަށްވެސް ކަންކަން ހިނގައިގެން ނުވާނޭ ފަދަ ގޮތަކަށް ދައުލަތުގެ ތިން ބާރުންވެސް ކަންކަން ކުރައްވަމުން ގެންދަވާ ގެންދެވުމަކީ، މަދަނީ ޖަމްޢިއްޔާތަކުން ބަލައިގަންނަ ކަމެއް ނޫނެވެ. މިއަދު، ދިވެހި ޤައުމަށް ދިމާވެފައިވާ މިވާ ސިޔާސީ އަދި ދުސްތޫރީ ޠޫފާނަކީ، ދައުލަތުގެ ތިން ބާރު، ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް، އެއްބާރުން ކުރާ ކަންތައްތަކަށް އަނެއް ބާރުން އިޙްތިރާމް ކުޑަކޮށް، ކޮންމެ ބަޔަކަށްވެސް ލިބިފައިވާ ބާރުތައް، ޤާނޫނީ ތަރަހައިގެ ބޭރުން ބޭނުންކުރުމުގެ ސަޤާފަތެއް އުފެދި، އެއް ބާރަށް ލިބިފައިވާ ބާރުތައް، އަނެއް ބާރުގެ ތެރެއަށް ‘ފުރޮޅާލަން’ ނުވަތަ ‘ފިރުކައިގަންނަން’ މަސައްކަތްކުރުމުގެ ނަތީޖާއެއްކަމަށް މިޖަމްޢިއްޔާތަކަށް ޤަބޫލުކުރެވެއެވެ.

ހަމަމިއާއެކު، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މިކަމަށް ދެއްވާންވީވަރަށް އަހައްމިޔަތުކަން ނުދީ، ޒިންމާދާރުކަން ކުޑަ ގޮތަކަށް ޢަމަލުތައް ބެހެއްޓެވުމީ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވެގެންދާނެ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ފާސްކޮށްގެން، ސަރުކާރަށް ޤާނޫނީގޮތުން ލިބިފައިވާ ބާރުތައް ބޭނުންކުރުމަށް ދަތިކުރުމަކީ، ޒިންމާދާރު ގޮތެއް ނޫނެވެ. އަދި ހަމަ އެހެންމެ، ސަރުކާރުން، ވެރިކަން ހިންގުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ގޯނާކޮށް، އެމަޖިލީހުގެ މަސައްކަތްތައް ކުރަން ދަތިކޮށް، ދިވެހިރާއްޖޭގެ ޝަރްޢީ ނިޒާމަށް ހަޖޫ ޖަހައި، ފަނޑިޔާރުގެއަށް އެކިއެކި ބާވަތްތަކުގެ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމަކީވެސް ރީތި ގޮތެއް ނޫނެވެ. އަދި ހަމަ އެހެންމެ، ފަނޑިޔާރުގެއިންވެސް، މުޅި ޝަރުޢީ ދާއިރާއަކީ އޭގެ ޒާތުގައި އެއް ޤާނޫނީ ހަމައަކުން އަދި އެއް އުސޫލަކުން ކަންކުރާ އަދި ކަންކަން ނިންމާންޖެހޭ ދާއިރާއެއްކަމަށް ނުދެކި، ހަމަޖެހިފައިވާ އުޞޫލުތަކާއި، ޢަދުލް އިންޞާފުގެ ހަމަތަކާއި ޚިލާފުވާފަދަ އަދި ޢަދުލް އިންޞާފު ޤާއިމުކުރެވޭކަމަށް ރައްޔިތުންނަށް އިޙްސާސް ނުކުރެވޭފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓެވުމަކީ، ފަނޑިޔާރުންގެ ސުލޫކާ ބީރައްޓެހި ކަމަކެވެ. އެހެންކަމުން އެންމެހައި ފަނޑިޔާރުންނަކީ އެފަދަ ނޭދެވޭ ގޮތްތަކަށް ޢަމަލުކުރުމުން ދުރުހެލިވެފައިވާ ބައެއްކަމުގެ ޔަޤީންކަން، ޢަމަލާއި ބަހުން، ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް މި ޖަމްޢިއްޔާތަކުން ޝަރުޢީ ނިޒާމަށް ގޮވާލަމެވެ.

މީގެ އިތުރުން އެކި ސިޔާސީ ޕާޓީތަކުން ފާޅުކުރަމުންދާ ޝުޢޫރުތަކުގައި ޤާނޫނުގެ ވެރިކަމަށް ބުރޫއަރާފަދަ އަދި ޤައުމީ މަސްލަޙަތު ގެއްލޭފަދަ އެކި ވާހަކަތައް ދެއްކުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާއެއްވުމުގެ ބަދަލުގައި ގެއްލުން ލިބޭނޭ ކަމެއްކަން ކަށަވަރެވެ. މިގޮތުން “ރައްޔިތުންގެ ކޯޓުތައް އުފައްދާ”، “ސަލާމަތަށްޓަކައި ސަޕޯޓަރުން މޮބިލައިޒްކުރުން” ފަދަ ކަންކަމުގެ އިންޒާރުތައް ސިޔާސީ ޕާޓީތަކުން ދައުލަތުގެ ބާރުތަކާ ކުރިމަތިކުރަމުން ދިއުމަކީ މިޖަމްޢިއްޔާތަކުން އެކަން ކުށްވެރިކުރާ ވާހަކަތަކެވެ. މިފަދަ އިންޒާރުތައް ދިނުމަކީ ޤާނޫނުގެ ވެރިކަން ހީނަރުވެ، ޤައުމުގެ މަސްލަހަތު ގެއްލި ލޭ އޮހޮރުވުމަށް މަގުފަހިވާ ކަންކަންކަމުގައި އަޅުގަނޑުމެން ދެކެމެވެ. ސިޔާސީ ޕާޓީތަކުން މި ފަހުން ބޭއްވި މުޒާހަރާތަކާއި އެއްވުންތަކުގައި ޢާއްމުންނަށާއި، ފުލުހުންނަށާއި، ރައްޔިތުންގެ މުދަލަށް ގެއްލުންލިބިފައިވާ ކަމީ އެކަމުގެ ޒިންމާ ސިޔާސީ ޕާޓީތަކުންވެސް އުފުލަންޖެހޭ ކަމަކަށް ވީ ހިނދު މި ފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަކީ ހުރިހާ ޕާޓީއެއްގެ ވެސް އިސް ޒިންމާއެއްކަން މި ޖަމްޢިއްޔާތަކުން އެ ޕާޓީތަކަށް ހަނދުމަކޮށްދެމެވެ.

ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއަކަށް ވީ ހިނދު، ސަލާމަތީ ބާރުތަކުން މީހުން ހައްޔަރުކުރުމާއި ހިފެހެއްޓުމުގައި ޤާނޫނުގެ ތަރަހައިގެ ބޭރުން ޢަމަލުކުރަމުންދާކަން އަޅުގަނޑުމެން ކަންބޮޑުވުމާއިއެކު ފާހަގަކޮށް ސަލާމަތީ ބާރުތަކުން އަބަދުވެސް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް އެ ފަރާތްތަކަށް ގޮވާލަމެވެ.

މިފަހަކަށް އައިސް ފަރުދުންގެ ޒާތީ ދިރިއުޅުމާއި މުޢާމަލާތްތައް ޢާއްމުންގެތެރޭގައި ފެތުރި، އެފަދަ މުޢާމަލާތްތައް މީޑިއާގައިވެސް ޢާއްމުވެގެން ދިޔަކަންއެއީ މިޖަމްޢިއްޔާ ތަކުން ހިތާމަކޮށް، އެފަދަކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެކެވެ. އަދި އެފަދަ ޢަމަލެއް ހިންގާ ފަރާތަކާމެދު އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި ޤާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ އެއްވެސް ޙައްޤަކީ ލުއިކަމާއިއެކު ނިގުޅައިގަނެވޭނޭ ނުވަތަ ހަނިކުރެވޭނޭ ޙައްޤެއް ނޫންކަން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށާއި، ސިޔާސީ ޕާޓީތަކަށާއި އަދި މީޑިޔާއަށް ހަނދުމަކޮށްދެމެވެ.

މީގެ އިތުރުން، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، މިހާރު ދިމާވެފައިވާ ޙަޤީޤީ މައްސަލަ ދެނެގަނެ، އެކަންތައްތަކާ ތެދުވެރިކަމާއެކު ކުރިމަތިލައި، މައްސަލަ ޙައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކޮށް ތިބުމަކީ އެމުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަމުގެ ދަލީލެއްކަމަށް މިޖަމްޢިއްޔާތަކުން ދެކެމުއެވެ. މިވަގުތު އަޅުގަނޑުމެން އެންމެންމެ، ހަނދާންކުރާންވީ ކަމަކީ، އަޅުގަނޑުމެން އެންމެންނީ ރައްޔިތުންގެ ޚާދިމުންކަމެވެ. އަޅުގަނޑުމެންގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަން އޮންނާންވީ ރައްޔިތުންނާ އެކުގައިކަމެވެ. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ރައްޔިތުންގެ މަޞްލަޙަތަށް އިސްކަން ދިނުމުގެ ރިވެތި ސުލޫކު އަށަގެންނެވޭތޯ ބަލާންވީއެވެ. އަދި ދައުލަތުގެ ބޭނުމަކީ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުންކަމާއި، ޚިޔާލު ތަފާތުވާ ދަނޑިވަޅުތަކުގައި ސުލްޙަވެރިކަމާއި އިންސާފުވެރިކަމާއި އެކު ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދެވޭނީ ޤާނޫނުގެ ވެރިކަން ނަގަހައްޓައިގެންކަން ދެނެ، އެ މަޤްސަދުގައި މަސައްކަތްކުރާންވީއެވެ. ދައުލަތުގެ އެންމެހައި ފަރާތްތަކާއި އަދި އެންމެހައި ޕާޓީތަކުން މި ދަނޑިވަޅުގައި ޢަމަލުކުރަމުންގެންދާގޮތް މަދަނީ ޖަމްޢިއްޔާތަކުން ވަރަށް ގާތުން ބަލައި، ރައްޔިތުންނާ ޙިއްސާ ކުރަމުން ގެންދާނަމެވެ.

Tags:

0 responses so far ↓

  • There are no comments yet...Kick things off by filling out the form below.

Leave a Comment